ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ރިޕޯޓަކީ "ފޭކެއް" ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ރިޕޯޓާ ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން، ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ސައްހަ ނޫން ރިޕޯޓުގައި އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ގެ ނަމުގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ.
މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ކޮމިޝަނުން އެދިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ގެންދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ ފުލުހުންގެ ނަމުގައި ސައްހަ ނޫން ރިޕޯޓެއް ދައުރު ކުރާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.









