އަންހެނަކު ރަހީނުކޮށްގެން ޖިނާއީ ބޮޑު މައްސަލައެއްގައި ހައްޔަރުކުރި އަތުހަރު ދަންޖެހުނު ވީޑިއޯ ދިވެހި ފުލުހުންގެ ހިދުމަތުން ނޫސްވެރިންނަށް ދައްކާލައިފިެވެ.
މިވީޑިއޯގައި އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ނޫސްވެރިންނަށް ވަނީ ދައްކާފައެވެ.
ނޫސްވެރިންނަށް ދެއްކި ފުޓޭޖް އިން ފެންނަ ގޮތުގައި އަތުހަރު ދަންޖެހުމަށް މަސައްކަތްކުރަނީ ހޮނިހިރު ދުވަހުގެ 6:30 ހާއިރު އެވެ. އަދި ފުލުހުންނަށް އެ މަންޒަރު ފެނި، ގޮޅިއަށްދަނީ 7:02 ހާއިރު އެވެ.
އަތުހަރު ނިޔާވުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ 16:08 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އަތުހަރު ދޫނިދޫ ޖަލަށް ލާފައިވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކުރަން މަސައްކަތްކުރުމުގެ ކުށުގަ އެވެ. އަތުހަރު ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.









