ޤައުމީ ދުވަހާ ގުޅިގެން އަންނަ ބަންދު ދެ ދުވަހުގައިވެސް ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް މެދުނުކެނޑި ދެމުން ގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދުބުނެފިއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ ކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ބަންދު ދުވަސްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ދެމުން ގެންދަނީ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި ދަތުރުފަތުރުގެ ކަންކަން ރާވާ ފަރާތްތަކުން ދުރާލާ ޕާސްޕޯޓުގެ މުއްދަތު ބަލައި، މުއްދަތު ހަމަވުމުގެ ކުރިން ޕާސްޕޯޓު ހެއްދުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ޤައުމީ ދުވަހާއި ގުޅިގެން މިހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.









