ށ. މިލަންދޫ ހެޕީލޭންޑް އާދަމް އަތުހަރު މިއަދު ހަވީރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަރުވެއްޖެއެވެ. އޭނާ މަރުވީ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި އޮއްވައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދެއްކުމުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ އަތުހަރު ދަންޖެހި މަރުވާން މަސައްކަތކުރިއެވެ. އޭނާ ދަންޖެހުމާ ގުޅިގެން ފުރަތަމަ ދޫނިދޫގައި ފަރުވާ ދެވުނެވެ. ނަމަވެސް އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. .އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގެ އެހީގައި އޮއްވާ އަތުހަރު ނިޔާވެފައިވަނީ މިއަދު ހަވީރު 4:08 ގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، އޭނާގެ މަރުގެ ސަބަބު ކަނޑައެޅުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ވަނީ ނިންމާފައެވެ.