ޔަމަނުގެ ތަޢިއްޒު ގެ ހުޅަނގުން އޮންނަ ޖަބަލް ޙަބަޝީ ޑިސްޓްރިކްޓްގެ ބަނީ ބައްކާރީ ސަރަހައްދުގައި ހުރި ހޫޘީ ޖަމާއަތުގެ މުވާޞަލާތީ ޓަވަރުތަކާއި ނެޓްވޯކްތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، އެ ތަންތަން އެއްކޮށް ގޮއްވާލައިފިއެވެ.
މިއަދު ކުރިއަށްދިޔަ މި އަސްކަރީ ކުއްލި ހަރަކާތަކީ، ތަޢިއްޒުގެ ހުޅަނގު ފްރަންޓްލައިންތަކުގައި ހޫޘީންގެ އަސްކަރީ މުވާޞަލާތީ ގުޅުންތައް ކަނޑާލުމަށާއި އެމީހުންގެ ކުރިއެރުންތައް ހުއްޓުވުމަށް ސައުދީ ކޯލިޝަންގެ ވައިގެ ބާރުގެ އެހީތެރިކަމާއެކު ދިން ވަރުގަދަ ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ހޫޘީ ހަނގުރާމަވެރިންގެ މެދުގައި އޮތް މުވާޞަލާތީ ގުޅުންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޔަމަނުގެ އަސްކަރިއްޔާގެ ތަޢިއްޒު މިލިޓަރީ އެކްސިސްގެ ތަރުޖަމާނު ކާނަލް އަބްދުލް ބާސިތު އަލް-ބަހްރު ހާމަކުރެއްވި ގޮތުގައި، މި ވައިގެ ހަމަލާތައް ދީފައިވަނީ ތަޢިއްޒު ސިޓީގެ ހުޅަނގުން އޮންނަ މުހިއްމު ފަރުބަދައެއް ކަމަށްވާ ޖަބަލް ޙާން އަށް ހޫޘީން ދޭންފެށި ވަރުގަދަ ހަމަލާތައް ދިފާއުކުރުމަށް ސަރުކާރު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ހޫޘީން ބަރު ހަތިޔާރާއި ރޮކެޓް ބޭނުންކޮށްގެން ޖަބަލް ޙާން އާއި އާންމުން ދިރިއުޅޭ އަވަށްތަކުގައި ހުޅުޖަހައި ބާރުބޮޑުކުރަން އުޅުމުން، ސަރުކާރު ފައުޖުތަކުން ވަނީ އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު ހޫޘީންގެ އެ ހަމަލާ ނާކާމިޔާބުކޮށްލާފައި ކަމަށް ޔަމަނު ސަރުކާރުން ބުނެއެވެ.
މުވާޞަލާތީ ޓަވަރުތައް ގޮއްވާލުމަކީ ހޫޘީންނަށް ލިބުނު ވަރަށް ބޮޑު އަސްކަރީ ނާކާމިޔާބީއެކެވެ. ސަބަބަކީ މި ނެޓްވޯކްތަކަކީ ތަޢިއްޒުގެ ހުޅަނގު ފްރަންޓްލައިންގައި ތިބޭ ހޫޘީންގެ އިސް ކޮމާންޑަރުންނާއި މަރުކަޒީ ބާރުތަކާ ދެމެދު އަމުރުތައް ބަދަލުކުރުމަށާއި، ޑްރޯން ހަމަލާތައް ކޯޑިނޭޓްކުރުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތަކަށް ވުމެވެ. މި ހަމަލާގައި ހޫޘީންގެ ބައެއް ހަނގުރާމަވެރިން މަރުވެ، އަސްކަރީ އުޅަނދުތަކަކަށް ގެއްލުންވެފައިވާ ކަމަށް ޔަމަނު ސަރުކާރުން ބުނެއެވެ.



