ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާނެކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ދިވެހި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާކަމަށް ވެސް ދިވެހިރައްޔިތުން ހެކިވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޝަހީދު އާދަމް ހަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިސްބާހު އަބްދުﷲ އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށްޓަކައި ގުރުބާންވެފައިވާކަން މި ކުރު މާޒީގައި ފެންނަންހުރި ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ މި ވިހި އަހަރުގެ މާޒީގެ ހަގީގީ ބަޠަލުންނަކީ އެއީ ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ ފުލުހުންނަކީ، ފުލުހުންގެ މަސައްކަތްތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން ވިކްޓިމް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރުކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދީފައިވެއެވެ. މީގެ އިތުުރުން، ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވެގެން މި ޚިދުމަތަށް މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.
1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ޤާއިމުވެގެންދިޔައެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ޚިދުމަތް ފޯރުކޮށްދެމެންނެވެ.









