މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި އޮޕަރޭޝަންގައި 582 ތަނެއް ބަލައި ފާސްކޮށް، 1,025 ބިދޭސީންނާ ސުވާލުކުރެވުނެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދެވުނެވެ. އަދި ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ 10 ބިދޭސީން ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.
މި އޮޕަރޭޝަންގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވިއެވެ. އެ އޮފިސަރުން 52 ގްރޫޕަކަށް ބަހާލައި މާލޭގެ 26 ތަނެއް ބަލައި ފާސްކުރިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.









