ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުންގެ މައްސަލަތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން މިހެން ވިދާޅުވީ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝަމްޢާން ވިދާޅުވި ގޮތުގައި ބައެއް މީހުން ޓޫރިސްޓް ވިސާގެ ނަހަމަ ބޭނުން ހިފުމަށް މަސައްކަތްކުރާ ކަމަށް ފާހަގަކުރެވިފައިވެއެވެ. މިފަދަ މައްސަލަތައްވެސް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓްކުރެވޭނެއެވެ.
އިމިގްރޭޝަން ވޮޗް ތަޢާރަފުކުރެވުނީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުއެވެ. މިހާތަނަށް 473 ރިޕޯޓް ލިބި، އޭގެ ތެރެއިން 369 ރިޕޯޓަށް އެޓެންޑްވެފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
"80 އަށްވުރެ ގިނަ ރިޕޯޓް ވެރިފިކޭޝަން ޕްރޮސެސްގައި އެބަދޭ. ވެރިފައި ކުރުމަށްފަހު އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން. އިމިގްރޭޝަނާ ނުގުޅޭ 22 ރިޕޯޓެއް އެބައުޅޭ. ހަމައެކަނި ޤަވާއިދާ ހިލާފަށް އުޅޭ މީހުންގެ ރިޕޯޓެއް ނޫން ހަމައެކަނި ކުރެވެނީކީއެއް. ހަޤީޤަތުގައި ރާއްޖެއަށް ޤަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަވެސް ހަމަ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހެޅޭނެ" ޝަމްޢާން ވިދާޅުވިއެވެ.
އިމިގްރޭޝަނުން އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ޤަވާއިދާ ޚިލާފު ބިދޭސީން ޑީޕޯޓްކުރަމުންދާ ކަމަށާއި، މިއަހަރު 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ. ޑީޕޯޓްކުރެވުނު މީހުންގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓް ފުރިހަމަނުވާ މީހުން ގިނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އަހަރެއްގެ ތެރޭގައި މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމާއި، ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމާއި، 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަތަކަށް ޖުމްލަ ޙައްލެއް ހޯދުން ކަމަށް ޝަމްޢާން ވިދާޅުވިއެވެ.









