ދާދިފަހުން އީރާނުގެ އަސްކަރިއްޔާއިން އަތުލައިގަތް އެމެރިކާގެ ސަބްމެރިންއަކީ ކަނޑުމަތީގެ ބޮޑެތި ބޯޓުފަހަރާއި ކަނޑުއަޑީގެ އުޅަނދުތަކަށް ނުރައްކާތެރި ހަމަލާތައްދީ ފައްތާލުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ އުޅަނދެއްކަން ހާމަވެއްޖެއެވެ.
މި އެޑްވާންސްޑް އޮޓޮނޮމަސް އަންޑަރވޯޓަރ ވެހިކަލް (އޭޔޫވީ) އަކީ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ނުރައްކާތެރި އުޅަނދެކެވެ.
މި ސަބްމެރިންއިން ބޯޓުފަހަރު ފައްތާލުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް އުކުޅަކީ އޭގެ އެތެރޭގައި ހުންނަ ބޮޑު ޖާގަ ބޭނުންކޮށްގެން ކަމިކާޒޭ ޑްރޯން ނުވަތަ "ލޮއިޓަރިންގ މިއުނިޝަންސް" ލޯންޗުކުރުމެވެ. މި ގޮތުން ފޮނުވާލެވޭ ކުދި މިސައިލް ފަދަ ހަތިޔާރުތަކުން ކަނޑުމަތީގައިވާ ބޯޓުފަހަރުގެ އިންޖީނުގެއާއި ރާޑަރު ފަދަ ނާޒުކު ދިމާދިމާލަށް ސީދާަމާޒަށް ހަމަލާދީ، ބޯޓުތައް ސުންނާފަތިކޮށްލުމުގެ ގާބިލުކަން ލިބިގެންވެއެވެ.
މީގެއިތުރުން، މި އުޅަނދަކީ ކަނޑުގެ 6000 މީޓަރުގެ ފުންމިނަށް ދަތުރުކުރުމުގެ ގާބިލުކަން ހުރުމާއެކު، ބޯޓުފަހަރު ދަތުރުކުރާ ކަނޑުގެ ސަރަޙައްދުތަކުގައި ސިއްރިއްޔާތުގައި ގޮވާތަކެތި އަތުރާލައިގެންވެސް ބޯޓުތައް ފައްތާލެވިދާނެއެވެ.
މިފަދަ ނުރައްކާތެރި އަސްކަރީ ގާބިލުކަމެއް ލިބިގެންވާ އުޅަނދެއް އީރާނުގެ ބާރުގެ ދަށަށް ދިއުމަކީ، ބައިނަލްއަޤްވާމީ ދިފާޢީ މާހިރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެކެވެ. ސަބަބަކީ މި ސަބްމެރިންގައި ހުރި އެންމެ ފަހުގެ ހަމަލާދޭ ޓެކްނޮލޮޖީއާއި، ރާޑަރުތަކަށް ނުފެނި ސިއްރުން ދަތުރުކުރުމުގެ ނިޒާމުތައް ދެނެގަނެ، އީރާނުން އަމިއްލައަށް މިފަދަ ހަތިޔާރު އުފައްދަން ފަށައިފިނަމަ، ކަނޑުގެ ސަރަޙައްދުތަކުގެ ސަލާމަތަށް އެމެރިކާ އާއި ހުޅަނގަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.









