ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ސްޓޭޓްފާމާ ގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް މޮނީޓަރިންގ ނިޒާމެއް ގާއިމުކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގެ ސްޓޭޓްފާމާ ގެ ފާމަސީތަކުގައި ހުރި ބޭހުގެ ތަފްސީލީ ސްޓޮކް ވަގުތުން ބެލެން ހުންނާނެ ކަމަށާއި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް އެކި ފާމަސީތަކުގައި ބޭސް ހުރި މިންވަރު އޮންލައިންކޮށް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، އާ ޑިޖިޓަލް ނިޒާމާއެކު ކޮންމެ ރަށެއްގެ ފާމަސީއެއްގައި ބޭސް ހުރި މިންވަރު ބެލި، ބޭސް ހުސްވުމުގެ ކުރިން ސަޕްލައި ފޮނުވުމަށް މަގުފަހިވެ، ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވޭނެއެވެ. މީގެއިތުރުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނަށް ބޭސް ސިޓީ ލިޔުއްވާއިރު، ސްޓޮކްގައި ބޭސް ހުރިތޯ ބެލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ސްޓޭޓްފާމާއިން ދޭ ހިދުމަތްތަކަކީ ރައްޔިތުންނާ ގާތުން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި، 24 ގަޑިއިރު ބޭހުގެ ހިދުމަތްތަކަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505" ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ހޮޓްލައިން މެދުވެރިކޮށް ބޭސް ލިބުމަށް މަގުފަހިވެ، ބޭހާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.






