ރާއްޖޭގައި ހުރި ބޭހުގެ ސްޓޮކާ ގުޅޭ މަޢުލޫމާތު އެއްތާކުން ފެންނާނެ ފަދަ ޑިޖިޓަލް ނިޒާމެއް ޤާއިމުCކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
މި ނިޒާމު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބޭސްފިހާރަ ތަކާއި ސިއްޙީ މަރުކަޒު ތަކުގައި ބޭސް ހުރި މިންވަރު ދެނެގަނެ، ބޭސް ހުސްވުމުގެ ކުރިން އެކަމަށް ދުރާލައި ފިޔަވަޅު އެޅުމެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. ޚާއްޞަކޮށް، ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ޑިޖިޓަލް ނިޒާމު ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތައް އެއްވިއުގަ އަކުން ގުޅާލެވޭ ގޮތަށެވެ. މީގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ރާއްޖޭގައި ބޭސް ހުރި މިންވަރު (Inventory) ކަމާބެހޭ އިދާރާތަކަށް ވަގުތުން ބަލާލެވޭނެއެވެ.
މި ނިޒާމުގެ ސަބަބުން ބޭސް އިސްރާފުވުން ކުޑަވެ، ބޭސް މެނޭޖުކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލްކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.










