ރޭ ދަންވަރުގެ ވަގުތެއްގައި މާލެ އަމީރު އަހުމަދު މަގުގައި ހުންނަ ތިން އޮފީހެއް ފަޅާލައި ވައްކަންކޮށްފިއެވެ.
ފުލުހުން ބުނީ އެ ތިން އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފަޅާލާފައިވާ ތިން އޮފީހަކީ އިނާ މޯލްޑިވްސް އައިލެންޑް ޗޮއިސްއާއި އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިނާ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ދެ އޮފީހަކަށް ރޭ މެންދަމުގެ ވަގުތެއްގައި ހީނުކުރާ ގޮތަކަށް ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މުހިންމު އެއްވެސް އެއްޗެއް ނުފެނުނު ނަމަވެސް ތަޅުތަކަށާއި މުދަލަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
ފިރާޤު ބުނީ ޒުވާނުން އެމީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ތެދުވެރިކަމާއެކު މަސައްކަތް ކުރަން ފަށަން ޖެހޭ ކަމަށާއި ވައްކަން ކުރުމަކީ ޙައްލެއް ނޫން ކަމަށެވެ.
ފުލުހުން ބުނީ މި ތިން އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









