މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ސަބަބުން 51 އަހަރުގެ އަންހެނަކު ނިޔާވެ، 19 އަހަރުގެ އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އެ ގޭގައި ދެ މީހަކު ހާލުދެރަވެފައި ތިބި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:34 އެހާކަންހާއިރުއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީގު (51އ) އެވެ. ފުލުހުން ވިދާޅުވީ އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެއިތުރުން، މި ހާދިސާގައި ހާލުދެރަވި އުމުރުން 19 އަހަރުގެ އަންހެން މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
އެ ގޭގައި ގޭސް ލީކުވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.









