ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 8,131 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 2,226 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. މިއީ ފުލުހުންނަށް ހުށަހެޅުނު މުޅި ޖުމްލަ މައްސަލަތަކުގެ 27.4 އިންސައްތައެވެ.
މިއަހަރުގެ މޭ މަހު ވަނީ ވައްކަމުގެ މައްސަލަތައް އާދަޔާ ހިލާފަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭ މަހު އެކަނިވެސް ވައްކަމުގެ 339 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފައެވެ. އަދި 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 2,193 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ މި މުއްދަތުގައި ވަނީ 2,226 އަށް އިތުރުވެފައެވެ.
ފުލުހުންގެ ރެކޯޑުތަކަށް ބަލާއިރު ވައްކަމުގެ މައްސަލަތަކަށްފަހު ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން 1,962 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު، މަސްތުވާތަކެތީގެ 1,752 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ތަކެތި ގެއްލިގެން 661 މައްސަލައަކާއި، އަނިޔާކުރުމާއި މާރާމާރީގެ 424 މައްސަލައެއްގެ އިތުރުން ތަންތަނަށާއި މުދަލަށް ގެއްލުންދިނުމުގެ 415 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އާންމު އިޖުތިމާއީ ރައްކާތެރިކަމާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ ތެރެއިން ގެވެށި އަނިޔާގެ 212 މައްސަލައަކާއި، ހިޔާނާތުގެ 171 މައްސަލައެއްގެ އިތުރުން ޖިންސީ ކުށުގެ 169 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ފޭރުމުގެ 101 މައްސަލައަކާއި ފޯޖަރީ ނުވަތަ ކައުންޓަރފީޓްގެ 37 މައްސަލައެއްވެސް ފުލުހުންގެ ތަފާސްހިސާބުތަކުގައި ހިމެނެއެވެ.
ފުލުހުންގެ އިދާރާއިން އަންނަނީ ކުށްމަދުކުރުމަށާއި، އާންމުންގެ މުދަލާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، މާލެއާއި އަތޮޅުތެރޭގައި ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.









