އަންހެނަކު ރަހީނުކުރަން އުޅުނު މީހާއަކީ ކުރީގެ ސަރުކާރުން އަދަބު ލުއިކޮށްދިނުމާއި މަޢާފް ކޮށްދިނުމުގެ ޤާނޫނުގެ ދަށުން ޖަލުން ނެރުނު ކުށްވެރިއެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ށ. މިލަންދޫ ހެޕީލޭންޑް އާދަމް އަހުތަރު ނަމަކަށް ކިޔާ މީހެކެވެ.
އަހުތަރަކީ ކުރީގެ ސަރުކާރުގައި ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ހުރި މީހެކެވެ. ނަމަވެސް، މިދިޔަ ސަރުކާރުން ވަނީ އޭނާގެ ކުށުން ކްލެމެންސީގެ ޤާނޫނުގައި ބުނާ އަދަދު ހަމަވެފައިވާތީ އަދަބަށް ލުއި ދިނުމަށްފަހު ދޫކޮށްލާފައެވެ. އަހުތަރަށް މަޢާފް ދެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު LA-CL/2022/39 އެންގުމުގެ ދަށުން، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ނ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.
އެނގިފައިވާ ގޮތުގައި އާދަމް އަހުތަރަކީ މީގެ ކުރިން ދައުލަތުން އެދިގެން، 2020ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދު ވެސް ކޮށްފައިވާ މީހެއްކަން ފާހަގަ ކުރެވެއެވެ.
ރޭގެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލަށް އަންހެނަކު އަރުވައިގެން ފިލަން އޭނާ މަސައްކަތް ކޮށްފައި ވެއެވެ. އަދި ސައިކަލަށް އަރުވައިގެން އޭނާ ގެންދިޔަ އަންހެނާގެ ކަރުގައި ވަޅި ޖައްސައި ބިރު ދައްކާފައި ވެއެވެ.
"ފުލުހުންނާއި ދިމާލަށް އޭނާ ބުނީ ތިމަންނަގެ ގައިގައި އަތް ނުލާށޭ. އަތްލައިފިއްޔާ އަންހެންމީހާ މަރާލާނަމޭ. އޭނަ ހީކުރީ ފުލުހުން ޖެހިލުންވާނެ ކަމަށް އޭރުން އޭނާގެ ގައިގައި އަތްލާން" އެސަރަހައްދުގައި ހުރި މީހަކު ޚުލާސާއަށް ކިޔައިދިނެވެ.









