ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެގައުމުން ވަރުގަދަ ރައްދެއް ދީފިއެވެ. ރަޝިޔާއިން މުޅިން އަލަށް އުފެއްދި MC-21 މަރުކާގެ ފަސިންޖަރު ޖެޓު، ހުޅަނގުގެ އެއްވެސް ކޮމްޕޯނެންޓެއް ނުވަތަ ޕާޓެއް ބޭނުންނުކޮށް 4,000 ކިލޯމީޓަރުގެ ދިގު ދަތުރެއް މެދުކަނޑާނުލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މިއީ އެމެރިކާ އާއި ޔޫރަޕްގެ ޓެކްނޮލޮޖީއަށް ބަރޯސާނުވެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ކުރިއަށްދެވޭނެކަން ރަޝިޔާއިން ދުނިޔެއަށް ސާބިތުކޮށްދިން ތާރީޚީ އުދުހުމެއް ކަމަށް ރިޕޯޓް ތައް ބުނެއެވެ.

މި ހާއްސަ ޓެސްޓު ދަތުރުގައި ރަޝިޔާގެ ބޯޓު އުދުހިފައި ވަނީ އެ ގައުމުގެ އިރްކުޓްސްކް އިން ފުރައިގެން މޮސްކޯ ކައިރީގައި އޮންނަ ޜުކޮވްސްކީ އެއާޕޯޓަށެވެ. މި މުޅި ދަތުރަށް ހޭދަވީ އެންމެ 5 ގަޑިއިރާއި 50 މިނެޓެވެ. ހުޅަނގުގެ ފިޔަވަޅުތަކުގެ ސަބަބުން ބޮއިންގް އަދި އެއާބަސް ފަދަ ކުންފުނިތަކުގެ އެހީތެރިކަން ކެނޑިފައި ވަނިކޮށް، ރަޝިޔާގެ އަމިއްލަ އިންޖިނިއަރުން ފަރުމާކުރި މި ބޯޓު މިހާ ދިގު ދަތުރެއް ކާމިޔާބު ކަމާއި އެކު ފުރިހަމަ ކުރި ގޮތުން މިއީ ސިނާއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެގައުމުން ސިފަކުރެއެވެ.

100 އިންސައްތަ ރަޝިޔާގެ އަމިއްލަ އުފެއްދުންތަކަށް ބަދަލުކޮށްގެން އުދުހުނު މި ޖެޓު މިހާރު ވަނީ ކަސްޓަމަރުން ބޭނުންވާ ކޯޕަރޭޓް ކުލަތައް ނުވަތަ ލިވަރީ ދެމުމުގެ މަސައްކަތަށް ތައްޔާރުކޮށްފައެވެ. މި ކާމިޔާބީއާއެކު، ރަޝިޔާގެ އެތެރޭގެ ދިގު ރޫޓުތަކަށް ބޭނުންވާ އާންމު ދަތުރުފަތުރުގެ ނިޒާމު ހުޅަނގުގެ ނުފޫޒެއް ނެތި ކުރިއަށް ގެންދެވޭނެ މަގު ވަނީ ފަހިވެފައެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ މާކެޓުގައި ބޮއިންގް އާއި އެއާބަހަށް ނުސީދާ ގޮތެއްގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.