އީރާނުގެ ދިފާޢީ ސިޔާސަތުތަކަށް ބޮޑު ބަދަލެއް އަންނަމުންދާކަން ހާމަކުރަމުން، އެގައުމުގެ އަސްކަރީ ރާސްތާ 15،000 ކިލޯމީޓަރަށް ދިގުކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށް އީރާނުގެ ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެގައުމުގެ ސިޔާދަތީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭރުގެ ނުރައްކާތަކާ ދެކޮޅަށް އެޅޭ އެންމެ ހަރުދަނާ ފިޔަވަޅެވެ.
މި އާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އެމެރިކާގެ ކޮންމެ ތަނަކަށް ފޯރާނެ ފަދަ ދިފާޢީ އައްޑަނައެއް ބިނާކުރުން ކަމަށް އީރާނުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ރޫޙާނީ ލީޑަރުގެ މަންދޫބު އަބްދުއްނަބީ މޫސަވީ ފަރުދު ވިދާޅުވީ، އީރާނުން ކުރިން ގެންގުޅުނު 2،000 ކިލޯމީޓަރުގެ މިސައިލް ލިމިޓް އާ ފެންވަރަކަށް ބަދަލުކުރަން ޖެހުނީ ބައިނަލްއަގުވާމީ މަސްރަޙުގައި ކުރިމަތިވަމުންދާ ބިރުދެއްކުންތަކާ ހެދިއެވެ. މިހާރު ތައްޔާރުކޮށް ނިމިފައިވާ 2،000 ކިލޯމީޓަރުގެ "ޚައްރަމްޝަހްރު-4" ފަދަ ބާރުގަދަ މިސައިލްތަކުގެ ކާމިޔާބީއަށްފަހު، މި އާ 15،000 ކިލޯމީޓަރުގެ މަޝްރޫޢަކީ އެގައުމުގެ ސައިންސްވެރިންނާއި އަސްކަރީ މާހިރުންގެ އަމިއްލަ އީޖާދެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭކާރުކަން ސާބިތުވެގެންދާ ކަމަށްވެސް އީރާނުން ބުނެއެވެ.








