ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަ އިންސައްތައެއް ކަނޑައަޅައި، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ޤާނޫނުއަސާސީއަށް ބޮޑު އިޞްލާޙެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ތާރީޚީ އިޞްލާޙު ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި، މިއީ ސިޔާސީ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ތަރައްޤީ އާއި ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންގެ ޙިއްޞާ އިތުރުކޮށް، ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. މި ބަދަލާ އެކު، މަޖިލީހުގައި މި ދެބައިމީހުންގެ އަޑު ގަދަވެ، ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާން އަދި އަންހެން މަންދޫބުންގެ ބައިވެރިވުން މުސްތަޤްބަލުގައި ފެނިގެންދާނެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ފުލްޓައިމްކޮށް، ޒުވާނުންގެ ޚާއްޞަ ކޮމިޓީއެއް އުފައްދާފައެވެ. ސިޔާސީ ނިންމުންތަކުގައި މި ދެބައިމީހުންގެ ޙިއްޞާ އިތުރުކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކޮށޭ މުހިންމު މަގެއްކަމަށް ސަރުކާރުން ދެކެއެވެ.