މިއަދު ޤާނޫނުތައް ތަންފީޒުކުރެވެމުން މިދަނީ ރާއްޖޭގެ ޤާނޫނަކީ އެއް ހަމައަކުން އެންމެންވެސް ތަބާވާންޖެހޭ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާތީ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝައްމާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމައަށް ޤާނޫނުތައް ތަންފީޒް ކުރެވެނީ ރާއްޖޭގެ ޤާނޫނަކީ އެއް ހަމައަކުން އެންމެންވެސް ތަބާވާންޖެހޭ އެއްޗެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާތީއާއި، ޤާނޫނު ތަންފީޒު ކުރާ އެންމެހާ އިދާރާތަކަށް އެކަން ކުރުމަށް ފުރިހަމައަށް ބާރާއި އޮތޯރިޓީ ދެއްވާފައިވާތީ ކަމަށެވެ.
ޤާނޫނުތައް ތަންފީޒްކުރުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެކި އެކި ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށާއި ބުނާ ހެޔޮބަސްތަކަށް ޝުކުރު އަދާކުރާކަން ފާހަގަކޮށް ޝައްމާން ވިދާޅުވީ އެބޭފުޅާއަކީ ޙަޤީޤަތުގައި "ރޮކެޓް ސައިންޓިސްޓެއް" ނޫން ކަމަށެވެ.
މީގެ އިތުރުން ޝައްމާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާކަށް ރައީސް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.









