ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ދެކޮޅަށް ސަރުކާރުގެ ވުޒާރާއަކުން "ފަތުއަޑު ކިޔާވަރަށް" މަސައްކަތްކުރާކަން ފަހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހިންނަށް ފެނިއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން އިއްޔެ ފެނިގެން ދިޔައީ އޮފީހުގެ ގޮނޑިކޮޅު ދޫކުރައްވައި އިމިގްރޭޝަން ކޮންޓުރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ ޓީމު ހީވާގިކަމާއެކު މަގުމަތީގައި ޕެޓްރޯލް ކުރަމުންދިޔަތަނެވެ. އިމިގްރޭޝަނުން ކުރިއަށްގެންދާ މި ޚާއްޞަ އޮޕަރޭޝަނަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރުވެސް ވަނީ ތަޢުރީފްކުރައްވާފައެވެ

މޯލްޑިވްސް އިމިގްރޭޝަން ޑިޕާޓްމަންޓުން ކޯޑިނޭޓްކޮށް ހިންގި އޮޕަރޭޝަނެއްގައި މުޅި މާލޭގައި 211 އޮފިސަރުން ހަރަކާތްތެރިވިއެވެ. ގަވާއިދާ ހިލާފު ވިޔަފާރިތައް ފެނި، ގާނޫނާ ހިލާފު އެތައް ހަރަކާތްތަކެއް ހުއްޓުވި އެވެ.
މި ބޮޑުވަމުން އަންނަ މައްސަލަ ހައްލުކުރުމަށް ނާކާމިޔާބު ވޭތުވެދިޔަ ސަރުކާރުތަކާ ހިލާފަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މައްސަލައާ ކުރިމަތިލުމުގައި އިހުލާސްތެރިކަން ދައްކާފައެވެ. އެމްޑީޕީގެ ވެރިކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު 5 އަހަރުގެ ވެރިކަން އެމްޑީޕީން ނިންމާލީ ބިދޭސީންގެ މައްސަލަ އިތުރަށް ބޮއްސުންލާވަރު ކޮށްލާފައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ލީޑަޝިޕްގެ ދަށުން މި މައްސަލަ ހައްލުވަމުންދާކަމުގެ ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބި އެކަން އެބަ ބަލައިގަނެއެވެ.
އެއް އިރެއްގައި މަދުން ނޫނީ ނުފެންނަ އިމިގްރޭޝަން އޮފިސަރުން މިހާރު ތިއްބެވީ އަމުރު ހިންގުމަށް މަގުތަކަށް ނުކުމެއެވެ. މިސަރުކާރުގެ އިމިގްރޭޝަނުން ދައްކާ ނަމޫނާއަކީ ޗެކު ނުކުރެވޭނެ ބިދޭސީއެއް ރާއްޖޭގައި ނުހުންނާނެކަމެވެ. އެއީ ސަރުކާރުގެ ވަޒީރެއްގެ މަސްލަހަތު ހިމެނޭ ބިދޭސީއަކަށްވި ކަމުގައިވިޔަސް، ވެސް މެއެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭގެ ހުރިހާ ކަންކޮޅަކަށް އިމިގްރޭޝަން އޮފިސަރުން ފޮނުވައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާކަން އެނގޭ ހޮޓްސްޕޮޓްތަކަށް އަމާޒުކޮށްގެން އެމީހުން ވަނީ ގައުމު އަމާންކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.
ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެވެންދެން އިމިގްރޭޝަނުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޖުމްލަ 257 ތަނަކުން ޤާނޫނާ ޚިލާފަށް ރާއްޖޭގައި ކުށްކުރަމުންދިޔަ 3،322 ބިދޭސީން ޑީޕޯޓްކޮށްލާފައިވެއެވެ. މި މަސައްކަތް އިމިގްރޭޝަނުން މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރާނެއެވެ.
އޮޕަރޭޝަންތައް ފުޅާވަމުންދާއިރު، މުއިއްޒުގެ ވެރިކަމުގައި މި އިޖުތިމާއީ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށް ވައުދުވެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދަތިކަމާ ކުރިމަތިލާން ދިގުމުއްދަތުގެ އިސްލާހުތަކާއި ހަރުދަނާ ތަންފީޒުތަކެއް ކުރެވެ އެވެ. ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން ވަނީ އަހަރުތަކެއް ވަންދެން އެހެން މީހުންނަށް ހާސިލް ނުކުރެވުނު ކަންތައްތައް އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ސާބިތުކޮށްދީފައެވެ. ރައްޔިތުންނަށް ތިޔަ ދައްކަވައިދެއްވީ ހަމަ ހަގީގަތުގައިވެސް އިޚުލާޞްތެރިކަމެވެ. އެހެންކަމުން ހަމަ ހަގީގަތުގައި ވެސް ތިޔަ ކުރައްވާ ބުރަ މަސައްކަތްތަކަށް ޝުކުރު ހައްގެވެ. ޝުކުރިއްޔާ ސަރުކާރު!









