ދިވެހި ފުލުހުންގެ ހިދުމަތުގެ ވިކްޓިމް ސަޕޯޓް ޔުނިޓުން އިސްނަގައިގެން، އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ރެޒިލިއަންޓް ލައިފް" ނުވަތަ "ވިލުންތެރި ދިރިއުޅުން" މި މައުޟޫޢަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
މި ސެޝަނަކީ އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެހީތެރިވުމުގެ މަގުސަދުގައި ބޭއްވި ސެޝަނެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިރިއުޅުމުގައި ކުރިމަތިވާ އެކި ކަންކަމާއި ގޮންޖެހުންތަކަށް ހޭނުމާއި، ކުރިމަތިވާ ހުރަސްތަކުން އަރައިގަނެ، އުންމީދާއެކު ކުރިއަށް ދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމާއި، އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަންގެ ތެރެއިން، އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެހީ ހޯދާނެ ގޮތްތަކާއި، އަމިއްލަ އިޚްތިޔާރުގައިވާ ކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުން ބައްޓަންކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސަރުކާރުން އިސްރަށްވެހިންގެ ލާބައާއި މަންފާއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ސެޝަންތަކަކީ އިސްރަށްވެހިންނަށް މުޖުތަމަޢުގައި ބޭނުންތެރި، އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް އެހީތެރިވެދޭނެ މުހިންމު ހަރަކާތްތަކެއްކަން ފާހަގަކުރެވެއެވެ.
މި ސެޝަންގައި އިސްރަށްވެހިންގެ ނާދީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެފައިވާއިރު، ބައިވެރިންގެ ފަރާތުން މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއެވެ.









