ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި ތ. ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ރައީސް އަންވަރު އިބްރާހިމް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހޯދަމުންދަނީ ތ. ތިމަރަފުށި، ކ. އާގެ، އުމުރުން 59 އަހަރުގެ އަންވަރު އިބްރާހީމް އެވެ. އަންވަރަކީ އިދިކޮޅު އެމްޑީޕީގެ އެކި އެއްވުންތަކާއި ޖަލްސާތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ، އެ ޕާޓީގެ ތިމަރަފުށި ދާއިރާގެ ރައީސް އެވެ.
ފުލުހުން ބުނި ގޮތުގައި އަންވަރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން، ޖުލައި 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެހެންކަމުން، އަންވަރު އިބްރާހީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެެވެ.









