ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޒޭޖިއަންގް އަށް ބާރުގަދަ ތޫފާން "ބާވީ" އަރައިފިއެވެ. މި ތޫފާނާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ 1.7 މިލިއަނަށްވުރެ ގިނަ މީހުން އެ ސަރަހައްދުތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ޗައިނާގެ ރަސްމީ މީޑިއާ، ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތޫފާން ބާވީ ޒޭޖިއަންގް އަށް އަރާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ޗައިނާ ގަޑިން 23:20 ގައެވެ. މި ތޫފާން އެ ސަރަހައްދަށް އެރިއިރު، މައިގަނޑު ސަރަހައްދުގައި ގަޑިއަކު 144 ކިލޯމީޓަރުގެ ބާރުމިނުގައި ވަނީ ވައި ޖެހިފައެވެ.
މި ތޫފާނަކީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޗައިނާއަށް އެރި މިފަދަ ދެވަނަ ތޫފާނެވެ. މީގެ ހަފުތާއެއް ކުރިން ތޫފާން "މޭސަކް" ވެސް ވަނީ ޗައިނާގެ ދެކުނު ސަރަހައްދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ތޫފާން ބާވީ ޗައިނާއަށް އެރުމުގެ ކުރިން ޖަޕާނުގެ ދެކުނުގެ ރަށްތަކަށާއި ތައިވާނަށް ވެސް ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން އަސަރުކޮށްފައެވެ.
ތޫފާނާ ގުޅިގެން ޗައިނާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދެވަނައަށް އެންމެ މަތީ އެލާޓް ކަމަށްވާ "އޮރެންޖް އެލާޓް" ނެރެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަތޭކައަށްވުރެ ގިނަ ފްލައިޓްތައް ކެންސަލްކޮށް، ރޭލު ދަތުރުތައް މަދުކޮށް، ސްކޫލްތަކާއި ފެރީގެ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. ފޫޖިއަން ޕްރޮވިންސްގެ ނިންގްޑޭ ސިޓީން އެކަނިވެސް 3,700 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ކުއްލި ހާލަތްތަކުގައި އެހީތެރިވުމަށް 17,000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
މޫސުމީ އިދާރާތަކުން ލަފާކުރާ ގޮތުގައި، އެއްގަމަށް އެރުމަށްފަހު މި ތޫފާން ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ ވަރަކަށް އޭގެ ބާރު މަޑުމަޑުން ދަށަށް ދާނެއެވެ. ނަމަވެސް، ތޫފާނާއެކު އަންނަ ބޯ ވިލާތަކުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް އިންޒާރު ދީފައިވެއެވެ.
ޗައިނާގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ހައިނާން އަދި ގުއަންގްޒީ އަދިވެސް އޮތީ މި ހަފުތާގެ ކުރީކޮޅު އެރި ތޫފާން މޭސަކްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިފައެވެ. އެ ތޫފާނުގައި ނޭނިންގް ސިޓީގެ ޑޭމެއް ފަޅައިގެން ގޮސް، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 39 މީހުން ވަނީ މަރުވެފައެވެ.









