ގްރީސްގެ ތެސަލޮނީކީން ޖަރުމަނުގެ މެމިންގެންއަށް ދަތުރުކުރި ރަޔަންއެއާގެ ބޯޓެއްގެ ކުޑަދޮރު ބޯޓު މަތީގައި އޮއްވާ ނެއްޓި، ފަސިންޖަރަކު ބޭރަށް ދަމައިގަތް ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ބޯޓު ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ބޯޓު ދަތުރުކުރާ މަގު ދައްކާ ޑޭޓާތަކުން އެނގޭ ގޮތުގައި، ބޯޓު ނައްޓާލިތާ 10 މިނެޓު ތެރޭގައި ކުއްލިއަކަށް 9,000 ފޫޓު ތިރިއަށް ވަނީ ފައިބާފައެވެ. ފަސިންޖަރުން ބުނި ގޮތުގައި އެ ވަގުތު ބާރު ގޮވުމެއްގެ އަޑު އިވުނެވެ.
މި ހާދިސާގައި ބޭރަށް ދަމައިގަތީ އުމުރުން 61 އަހަރުގެ ސާބިއާގެ ރައްޔިތެކެވެ. އޭނާގެ ހަށިގަނޑުގެ ކޮނޑާ ހަމައަށް ބޯޓުން ބޭރަށް ނިކުމެފައި އޮތް ކަމަށް މަންޒަރު ދުށް ފަސިންޖަރުން ބުނެއެވެ. "އޭނާ ބޭރަށް ދަމައިގަތަނުދީ، އޭނާގެ އަންހެނުން ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން ފައިގައި ހިފަހައްޓައިގެން އޮތް،" ގްރީސްގެ ހޮސްޕިޓަލެއްގެ އޮފިޝަލެއް ކަމަށްވާ މިޚާލިސް ގިއަނަކޯސް ވިދާޅުވިއެވެ. އެހެން ފަސިންޖަރުންގެ އެހީތެރިކަމާއެކު އޭނާ އަނބުރާ ބޯޓު ތެރެއަށް ވަނީ ވައްދާފައެވެ.
ބޯޓުގައި ހުރި ފަސިންޖަރެއް ކަމަށްވާ ކްރިސްޓީނާ ކިޔައިދިން ގޮތުގައި، ކުއްލިއަކަށް ބޯޓުގެ ޕްރެޝަރު ދަށްވެ، އޮކްސިޖަން މާސްކްތައް ތިރިވިއެވެ. އަދި ބޯޓު ތެރޭގައި ގަދަވަހެއް ދުވި ކަމަށާއި، ފަސިންޖަރު ބޭރަށް ނުވެއްޓި ސަލާމަތްވީ އޭނާ ސީޓްބެލްޓް އަޅައިގެން އިނުމުން ކަމަށް އޭނާ ބުންޏެވެ. އެހެން ފަސިންޖަރުން ބުނާ ގޮތުގައި ކުޑަދޮރު ތަޅައިގެން ދިޔައީ ބޯޓުގެ އިންޖީނުގެ ބައެއް ބުރައިގެން ގޮސް ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް ރަޔަންއެއާ އިން މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަޔަންއެއާ އިން ނެރުނު ބަޔާނެއްގައި ބުނީ، "ޓޭކް-އޮފް" ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުޑަދޮރަށް ދިމާވި މައްސަލައަކާ ގުޅިގެން ބޯޓު އަނބުރާ ތެސަލޮނީކީއަށް ޖައްސާފައިވާ ކަމަށެވެ. އަދި އަނިޔާވި ފަސިންޖަރަށް އެއާޕޯޓުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ކާއްތައިގެން ގޮސް ފިހިފައި ހުރި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގި ބޯޓަކީ 18 އަހަރުވީ ބޯޓެއް ކަމަށް ބެލެވެއެވެ. ގްރީސްގެ އޭވިއޭޝަން އޮތޯރިޓީން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް އެމެރިކާގެ ސައުތުވެސްޓް އެއާލައިންސްގެ ބޯޓެއްގެ ކުޑަދޮރު ތަޅައިގެން ގޮސް، ފަސިންޖަރަކު ބޭރަށް ދަމައިގަނެ މަރުވެފައިވާ ހާދިސާއެއް ހިނގާފައިވެއެވެ.





