އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރ "އައިޝޯސްޕީޑް"އަށް ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު ގަދަ 32 ގެ މެޗުގަ އެވެ. މި މެޗުގައި ބައްދަލުކުރީ އާޖެންޓީނާ އާއި ކޭޕް ވާޑެވެ. ފީފާއިން ހާމަކުރި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަގުތުން ވަނީ ތަހުގީގު ފަށާފަ އެވެ.
އަސްލު ނަމަކީ ޑަރެން ޖޭސަން ވަޓްކިންސް ޖޫނިއާ ކަމަށްވާ، އުމުރުން 21 އަހަރުގެ އައިޝޯސްޕީޑަކީ ޔޫޓިއުބްގައި 57 މިލިއަން ސަބްސްކްރައިބަރުން އަދި ޓިކްޓޮކްގައި 53 މިލިއަން ފޮލޯވަރުން ތިބޭ ނުފޫޒުގަދަ ޒުވާނެކެވެ. އޭނާ އަންނަނީ މި މުބާރާތުގެ މެޗުތައް ލައިވްސްޓްރީމް ކުރަމުންނެވެ. އޭނާގެ ބައެއް ސްޓްރީމްތަކުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ފުޓްބޯޅަ ލެޖެންޑް ޒްލަޓާން އިބްރަހިމޮވިޗް ވެސް ބައިވެރިވެފައިވެ އެވެ.
ނަސްލީ ފުރައްސާރައިގެ މި ހާދިސާ ހިނގާފައިވަނީ އައިޝޯސްޕީޑް ކޭޕް ވާޑްގެ ޖާޒީއެއް ލައިގެން ހުއްޓާ، އާޖެންޓީނާގެ ސަޕޯޓަރަކާ ދެމެދުގަ އެވެ. މި ހަމަނުޖެހުން ހިނގި މަންޒަރު އޭނާގެ ޔޫޓިއުބް ޗެނަލުން ފެންނަން އެބަހުއްޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މެޗު އާޖެންޓީނާ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މިކަމާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީފާ ވޯލްޑް ކަޕަކީ އެއްބައިވަންތަކަމާއި ތަފާތުތަކަށް އިހުތިރާމްކުރުން ފާހަގަކުރާ މުނާސަބަތެއް ކަމަށެވެ. އަދި މި އަގުތަކާ ހިލާފަށް އަމަލުކުރާ އެއްވެސް މީހަކަށް ފުޓްބޯޅައިގެ ތެރެއިން ފުރުސަތެއް ނޯންނާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.
އައިޝޯސްޕީޑަށް ކުރިމަތިވި މި މައްސަލަ ފެންމަތިވެފައި މިވަނީ، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ނަސްލަށާއި ތައުލީމަށް މަލާމާތްކޮށް ޕެރަގުއޭގެ ސެނެޓަރަކު ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ވެސް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީގެ ސެލެސްޓޭ އަމަރިއްލާ ސޯޝަލް މީޑިއާގައި ދެއްކެވި އެ ވާހަކަތަކާ ގުޅިގެން، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ނިންމާފަ އެވެ.









