ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރުއެވެ. އެ ވަގުތަކީ މާލެއިން ދ. ވާނީއަށް ފުލުހުންގެ "ލޯންޗް 54" ދަތުރުކުރަމުންދިޔަ ވަގުތެވެ. އޮޔާދިޔަ ފަތުރުވެރިޔާ ފެނިފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ފުލުހުން ވަނީ ވަގުތުން އެ ފަތުރުވެރިޔާ ކަނޑުމަތިން ނަގައި، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރައްކާތެރިކަމާއެކު އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަ ރިސޯޓަށް އަނބުރާ ގެންގޮސްދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ސަލާމަތްކުރި ޗައިނާ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ. ކަނޑުމަތީގެ މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި މޫދަށް އެރި އުޅުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.









