އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި ބަގީއެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި، 13 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މި ކުއްޖާ ނިޔާވީ އޭނާގެ ކާފައާއެކު ބަނދަރުމައްޗަށް ގޮސް އުޅުމުގެ ތެރޭގައި، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ބަގީއަކަށް އަރައި އެ ދުއްވަން އުޅުމުގެ ތެރޭގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަގީ ހުއްޓުވަން މަސައްކަތް ކުރުމުން ހާސްވެ، މާ ބާރަށް ދުއްވާލެވި ކޮންޓްރޯލް ނެއްޓިގެން ސީދާ މޫދަށް ވެއްޓުނީއެވެ. މޫދަށް ވެއްޓުމުގެ ކުރިން ބަނދަރުގައި އޮތް ދޯންޏެއްގައި ބަގީން ޖެހުމުގެ ސަބަބުން ކުއްޖާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އޭނާ ނިޔާވީ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ ކުއްޖާގެ ޖަނާޒާގެ ކަންކަން ރޭ ވަނީ ނިންމާލާފައެވެ.









