ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކް އާއި މެސެންޖަރުގެ ހިދުމަތަށް ބޮޑެތި ބުރޫތަކެއް އަރައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކަށް އެ ޕްލެޓްފޯމްތަކަށް ނުވަދެވޭ މައްސަލަ ފެންމަތިވެއްޖެއެވެ.
މި މައްސަލަ ދިމާވާން ފަށާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު އީ.އެސް.ޓީ ގަޑިން 9:30 ހާއިރުއެވެ. އަދި ރާއްޖޭގެ ޔޫސަރުންނަށް މި މައްސަލަ މެދުވެރިވާން ފެށީ އިރުއޮއްސުނު ވަގުތުން ފެށިގެންނެވެ.
މި މައްސަލަތައް މުޅިން ހައްލުކުރެވޭނެ ވަގުތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ އެމެރިކާ އާއި ފިލިޕީންސްގެ ބޭނުންކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބަޔަކަށް ވެސް ފޭސްބުކް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފޭސްބުކް ހިންގާ މެޓާ ކުންފުނިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ އެކްސް ފަދަ އެހެން ޕްލެޓްފޯމްތަކުގައި މިކަމުގެ ޝަކުވާ ކުރަމުންނެވެ. މީގެ ކުރިން ވެސް މިފަދަ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މެޓާގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި މެދުކެނޑިފައިވެއެވެ.





