އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް މީގެ ކުރިން ލިބެމުންދިޔަ "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" ނުވަތަ މެސެޖުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޚާއްޞަ ފީޗަރ، މިއަދުން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުވާލައިފިއެވެ. މިއީ މީގެ ކުރިން މި ޓެކްނޮލޮޖީއަކީ ޕްރައިވެސީގެ އެންމެ މަތީ މިންގަނޑު ކަމަށް ބުނަމުންދިޔަ މެޓާ ކުންފުނިން ނިންމި ކުއްލި ނިންމުމެކެވެ.
އެންޑް-ޓު-އެންޑް އެންކްރިޕްޝަނަކީ މެސެޖު ފޮނުވާ މީހާއާއި ލިބޭ މީހާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ މެސެޖުތައް ނުކިޔޭނެ ގޮތަށް ފަރުމާކޮށްފައިވާ އެންމެ ރައްކާތެރި ނިޒާމެވެ. ނަމަވެސް، މި ނިޒާމުގެ ސަބަބުން ކުށްކުރާ ފަރާތްތަކަށް ފުރުޞަތު ލިބޭ ކަމަށް ބުނެ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ފީޗަރ އުވާލުމާއެކު، ދެން އިންސްޓަގްރާމުން ފޮނުވާ މެސެޖުތަކާއި، ފޮޓޯ، ވީޑިއޯ އަދި ވޮއިސް ނޯޓުތައް ބަލައި ރިކޯޑު ކުރުމުގެ ފުރުޞަތު މެޓާ ކުންފުންޏަށް ލިބޭނެއެވެ. އިންސްޓަގްރާމުން ދެން ބޭނުންކުރާނީ "ސްޓޭންޑަރޑް އެންކްރިޕްޝަން" އެވެ. މިއީ ޖީމެއިލް ފަދަ ޚިދުމަތްތަކުގައިވެސް ބޭނުންކުރާ ނިޒާމެކެވެ. މީގެ ސަބަބުން، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި އިންޓަރނެޓް ޚިދުމަތްދޭ ފަރާތްތަކަށް މެސެޖުތައް ބެލުމުގެ ފުރުޞަތު އޮންނާނެއެވެ.
މެޓާގެ މި ނިންމުމަށް ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރާ އެން.އެސް.ޕީ.ސީ.ސީ ފަދަ ޖަމްޢިއްޔާތަކުން ވަނީ މަރުޙަބާ ކިޔާފައެވެ. އެ ޖަމްޢިއްޔާގެ ރާނީ ގޮވެންޑަރ ވިދާޅުވި ގޮތުގައި، އެންކްރިޕްޝަންގެ ސަބަބުން ކުޑަކުދިންނަށް ގޯނާކުރާ މީހުންނަށް ފިލައިގެން ތިބުމަށް މަގުފަހިވެއެވެ. ނަމަވެސް، ޕްރައިވެސީއަށް ވަކާލާތުކުރާ ގްރޫޕްތަކުން ބުނަނީ މިއީ އިންސާނީ ޙައްޤުތަކަށް ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
2019 ވަނަ އަހަރު މެޓާގެ ސީ.އީ.އޯ މާކް ޒަކަރބާގް ވިދާޅުވެފައިވަނީ "މުސްތަޤުބަލަކީ ޕްރައިވެސީ" ކަމަށެވެ. ނަމަވެސް، ހަތް އަހަރުގެ މަސައްކަތަށްފަހު އިންސްޓަގްރާމްގައި މި ނިޒާމު ޤާއިމުކުރުން މިވަނީ ހުއްޓާލާފައެވެ. ކުންފުނިން ބުނާ ގޮތުގައި މިކަން ހުއްޓާލީ މި ފީޗަރ ބޭނުންކުރާ މީހުންގެ އަދަދު މަދުވުމުންނެވެ. އެހެންނަމަވެސް، ބައެއް މާހިރުން ޤަބޫލުކުރާ ގޮތުގައި މެޓާ އިން މިހާރު މަސައްކަތް ކުރަނީ އޭ.އައި ތަމްރީނު ކުރުމަށް މީހުންގެ މެސެޖުތައް ބޭނުންކުރުމަށެވެ.
އިންސްޓަގްރާމުން ވަނީ އެޕްގެ ޓާމްސް އެންޑް ކޮންޑިޝަންސްއަށް ބަދަލު ގެނެސް، 8 މެއި 2026 ގެ ފަހުން އެންޑް-ޓު-އެންޑް އެންކްރިޕްޝަން އެއްކޮށް ހުއްޓާލާނެ ކަން އިއުލާންކޮށްފައެވެ. މީގެ ސަބަބުން އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް ޕްރައިވެސީއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު އަތުވެދާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް ވަޓްސްއަޕް އަދި ސިގްނަލް ފަދަ އެޕްތަކުން ދަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކުރަމުންނެވެ.










