މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާ ފީފާ ވޯލްޑް ކަޕް މިރޭ ފެށިގެންދާއިރު، ރާއްޖޭގައި މި މުބާރާތް ދެއްކުމުގެ ހުއްދަ އޮތް މީޑިއާނެޓުގެ ސަބަބުން އެތައް ހާސް ދިވެހި ސަޕޯޓަރުންނެއް މިރޭގެ އޯޕެނިންގ މެޗުން މަހުރޫމްވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗު ބަލާލުމަށް ކެތްމަދުވެފައި ތިބި ގިނަ ރައްޔިތުންނަށް މީޑިއާނެޓުގެ އެޕްލިކޭޝަނަށާއި ވެބްސައިޓަށް ލޮގިން ވުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ބުނަމުންދަނީ، މެޗު ބެލުމަށްޓަކައި އެތައް ފަހަރަކު ފައިސާ ދައްކާފައިވީ ނަމަވެސް، ޚިދުމަތް ލިބޭނެ އެއްވެސް ގޮތެއް ނުވި ކަމަށެވެ. އަދި ބައެއް ކަސްޓަމަރުން ބުނާ ގޮތުގައި، ވޯލްޑް ކަޕް ދައްކާ ޚާއްޞަ ޗެނަލްތައް ފިޔަވައި އެހެން ހުރިހާ ޗެނަލްތަކެއް ފެނުނު ނަމަވެސް، މުބާރާތުގެ އޯޕެނިން ސެރެމަނީ އަދި މެޗު ބެލޭނެ ގޮތެއް ވަނީ ނުވެފައެވެ.
މި މައްސަލަތަކާ ގުޅިގެން މީޑިއާނެޓަށް ގުޅައި ޝަކުވާ ހުށަހެޅުމަށް މަސައްކަތް ކުރި ކަސްޓަމަރުންނަށް އެ ފުރުޞަތު ވެސް ވަނީ ބަންދުވެފައެވެ. ކުންފުނީގެ ހޮޓްލައިންތަކަށް ނުގުޅުމާއި، އެކަށީގެންވާ ޖަވާބެއް ނުލިބުމުގެ ސަބަބުން ކަސްޓަމަރުން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ.
މީޑިއާނެޓުން ބުނެފައިވަނީ މިރޭ 20:00 އިން 22:00 އަށް އެ ކުންފުނީގެ ފޭސް 1 ގައި ހުންނަ ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށެވެ. ނަމަވެސް، މުޅި ރާއްޖޭގައި ވޯލްޑް ކަޕުގެ ފޯރި ގަދަވެފައިވާ މިފަދަ ރެޔެއްގައި، ކަސްޓަމަރުން އަތުން ފައިސާ ނެގުމަށްފަހު އެކަށީގެންވާ ޚިދުމަތެއް ނުދީ، މިއީ ބޮޑު "ސްކޭމެއް" ހިންގުން ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ކަސްޓަމަރުން ބޮޑު އޮޅުވާލުމެއްގެ ތެރެއަށް ވައްދައި، ޚިދުމަތް ދިނުމުގެ ބަދަލުގައި މީޑިއާނެޓުން ވަނީ ޒިންމާއިން ރެކި ފިލާފައެވެ.









