ފީފާ ވޯލްޑް ކަޕް ފެށުމަށް ތައްޔާރުވަމުންދާއިރު، މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ މި މުބާރާތަށް ހުއްޓިފައެވެ. މިރެއިން ފެށިގެން ޖޫން 27 އަށް ކުރިއަށްދާ ގްރޫޕް ސްޓޭޖުގައި ޖުމްލަ 72 މެޗު ކުޅުމަށް ތާވަލުކުރެވިފައިވާއިރު، މިއީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ފޯރިގަދަ ދުވަސްތަކަކަށް ވެގެންދާނެއެވެ.
ގިނަ މެޗުތަކެއް ކުޅެވޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ބަލާލުން މަޖުބޫރު އެންމެ ވަރުގަދަ ފަސް މެޗަށް ބަލާލަމާ ހިނގާށެވެ.
1. ބްރެޒިލް އާއި މޮރޮކޯ
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 13 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގައެވެ. ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ނުކުންނާނީ ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއަރާއެކުގައެވެ. އަނެއްކޮޅުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދުނިޔެ ސައިިލްކޮށްލި މޮރޮކޯ ނުކުންނާނީ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ބްރަހީމް ޑިއާޒް އަދި އަޝްރަފް ހަކީމީ ފަދަ ތަރިންނާއެކު މޮރޮކޯއަކީ ބްރެޒިލަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
2. ނެދަލޭންޑްސް އާއި ޖަޕާން
ޖޫން 14 ވަނަ ދުވަހު ޓެކްސަސްގެ ޑަލަސް ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ގްރޫޕް އެފްގެ އެންމެ ވަރުގަދަ ކުރިމަތިލުމެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުންމީދުގައި ނުކުންނަ ނެދަލޭންޑްސްއަށް، ޖަޕާނަކީ ފަސޭހަ ބަޔަކަށް ނުވާނެއެވެ. 2022 ގައި ޖަރުމަނާއި ސްޕެއިން ބަލިކުރި "ސަމުރާއީ ބްލޫ" އަކީ ބޮޑެތި ޓީމުތައް ސިއްސުވާލުމަށް ކުޅަދާނަ ބައެކެވެ.
3. ފްރާންސް އާއި ސެނެގާލް
2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސެނެގާލުން ފްރާންސް ބަލިކުރި ހަނދާންތައް އަދިވެސް ފިލައިގެން ނުދެއެވެ. ވިހި އަހަރަށްވުރެ ގިނަ ދުވަސް ފަހުން މި ދެ ޓީމު ޖޫން 16 ގައި ނިއު ޖާޒީގައި ބައްދަލުކުރާއިރު، މިއީ "ގްރޫޕް އޮފް ޑެތު" ގެ ގޮތުގައި ބެލެވޭ ގްރޫޕް އައިގެ އެންމެ ފޯރިގަދަ މެޗަށް ވާނެއެވެ.
4. އިންގްލެންޑް އާއި ކްރޮއޭޝިއާ
ޖޫން 17 ވަނަ ދުވަހު ޑަލަސްގައި ކުޅޭ މި މެޗަކީ 2018 ވަނަ އަހަރުގެ ސެމީ ފައިނަލްގެ ރީމެޗެކެވެ. އިންގްލެންޑްގެ އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޖޫޑް ބެލިންހަމް ފަދަ ތަރިންނާއެކު ނުކުންނައިރު، މިއީ ގްރޫޕް އެލްގެ އެއްވަނަ ކަށަވަރުކުރުމަށް ކުޅޭނެ އެންމެ މުހިންމު މެޗެވެ.
5. ކޮލަމްބިއާ އާއި ޕޯޗުގަލް
ޖޫން 27 ވަނަ ދުވަހު މިއާމީގައި ކުޅޭ މި މެޗަކީ މުޅި ގްރޫޕް ސްޓޭޖުގެވެސް އެންމެ އަގުބޮޑު މެޗެވެ. މި މެޗުގެ ޓިކެޓެއްގެ އަގު 2،200 އާއި 3،000 ޑޮލަރާ ދެމެދުގައި އުޅޭއިރު، ހުރިހާ ޓިކެޓެއް ވަނީ ހުސްވެފައެވެ. ލުއިސް ޑިއާޒްގެ ކޮލަމްބިއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްގެ ކުރިމަތިލުމަކީ ގްރޫޕް ކޭގެ އެއްވަނަ ކަނޑައެޅޭނެ ފޯރިގަދަ މެޗަކަށް ވާނެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އާ ޓެކްނޮލޮޖީތަކާއި، ރޮބޮޓް ކުއްތާތަކާއި، ސެންސަރު ހަރުކުރި ބޯޅަތަކާއެކު ތަފާތު މުބާރާތަކަށް ވެގެންދާނެއެވެ. މެސީ އާއި ލަމީން ޔަމާލް ފަދަ ތަރިންގެ ކުޅުން ބަލާލުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާއިރު، މި ފަސް މެޗަކީ އެއްވެސް ފުޓްބޯޅަ ސަޕޯޓަރަކު ދޫކޮށްލަން ބޭނުންނުވާނެ މެޗުތަކެވެ.









