ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަޞްދީޤުކުރުމަށް ފޮނުއްވާފައިވާ "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" އަލުން މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ 14 މެއި 2026 ވީ ބުރާސްފަތި ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މަޖިލީހުން މި ބިލު ފާސްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށްޓަކައި ފޮނުއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު މަޖިލީހުން ފާސްވެގެން އައިއިރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، އެ ބިލު ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީއެވެ. ރައީސްގެ ނިންމެވުމުގައި ބަޔާންކުރައްވާފައިވަނީ، ބިލު މިހާރު އޮތް ގޮތުން އަމަލީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
Advertisement

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ބޭނުންކުރައްވައި، މި ބިލާ މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ބިލު ވަނީ މިރޭ މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައެވެ.
އިންސާނުންގެ ގުނަވަން ބަދަލުކުރުމާ ގުޅޭ މި މުހިންމު ބިލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަންނާނެ ބޮޑު ބަދަލަކަށް ވާއިރު، މި ބިލު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުއްވުމުން، ދެން މި ބިލާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.







