ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ހާމަކޮށްފިއެވެ. ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުންވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މީރާއިން ދަނީ ކުރަމުންނެވެ.
މީރާގެ އެޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ މަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނާއި ޑިއުސް ކްލިއަރެންސް އަދި އިސްޓޯލްމަންޓް އެއްބަސްވުންތަކުގެ އިތުރުން އެކްސްޝަން ޕޮލިސީގެ ދަށުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއިން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތައް:
ނޯޓިސް ފޮނުވައިގެން: 372 މިލިޔަން ރުފިޔާ
ޑިއުސް ކްލިއަރެންސް: 96 މިލިޔަން ރުފިޔާ
އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން: 64 މިލިޔަން ރުފިޔާ
ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުން: 5 މިލިޔަން ރުފިޔާ
އެކްޝަން ޕޮލިސީ: 4 މިލިޔަން ރުފިޔާ
ދައުލަތަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން ގެންދަނީ ޢާންމު ކުރަމުންނެވެ.








