ހުޅުމާލެ ފޭސް 1 ގައި ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ދޯދިލް، މައިޝަމް މުހައްމަދު (20އ) އާއި، ނ. ކެނދިކުޅުދޫ، ކުޅުދޫ. ގުލްފާމްގެ، ޒަޔާން ޔޫސުފް (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މޭރީ ބްރައުންއާ ދިމާ ޖެޓީ ކައިރިންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، މި ދެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއެވެ. އެގޮތުން އެ މީހުން ގެންގުޅުނު ކަޅު ކޮތަޅެއްގެ ތެރެއިން ދެ ކޭސް ބަނގުރާ (ޖުމްލަ 48 ފުޅި) ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.