މިއަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް III" ގެ ތެރެއިން، ސްކޭމްތަކުގައި ދިވެހިންގެ އަތުން ގެއްލުނު މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގާ މި ބޮޑު އޮޕަރޭޝަނަކީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގުނު ތިންވަނަ ބައިނަލްއަޤްވާމީ ހަރަކާތެވެ. މިއަހަރުގެ މާރިޗު 10 އިން މެއި 7 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ނަތީޖާ ހާމަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިންގަޕޫރުގެ ކޮމިޝަނާ އޮފް ޕޮލިސް އައިލީން ޔެޕް ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގައި 3,018 މީހުން ހައްޔަރުކޮށް، އެއްލައްކައަށްވުރެ ގިނަ ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ނަތީޖާތަކަށް ބަލާއިރު، އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ރާއްޖޭގައި ސްކޭމްގެ 349 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 186 މައްސަލައަކީ އީ-ކޮމާސް ސްކޭމްތަކެވެ. މި މައްސަލަތަކުގައި 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާއިރު، ފުލުހުން ވަނީ 664 އެކައުންޓެއް ފްރީޒްކޮށް 1.16 މިލިޔަން ރުފިޔާ އަނބުރާ ހޯދާފަ އެވެ. މީގެ އިތުރުން ޝައްކުކުރެވޭ 574 މީހުންނާ (490 ފިރިހެނުން އަދި 84 އަންހެނުން) ވަނީ ސުވާލުކޮށްފަ އެވެ.

މި އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ދެކުނު ކޮރެއާ އަދި ތައިލޭންޑް ހިމެނޭހެން ޖުމްލަ 13 ގައުމަކުން 3,292 ފުލުހުން ބައިވެރިވި އެވެ. އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް، ޖޮބް ސްކޭމް އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތައް ހުއްޓުވުންކަމަށް ފުލުހުން ފާހަގަކުރި އެވެ.

މުޅި އޮޕަރޭޝަންގައި ބައިވެރިވި ގައުމުތަކުން ޖުމްލަ 752 މިލިއަން އެމެރިކާ ޑޮލަރު ގެއްލިފައިވާކަން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 161 މިލިއަން ޑޮލަރު ވަނީ ހިފަހައްޓާފަ އެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ކާކުކަން ނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިއްތުމަށާއި، ވެރިފިކޭޝަން ކޯޑު ފަދަ މުހިންމު މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި އަދި ދަންނަ މީހެއްގެ ފަރާތުން އަންނަ މެސެޖުތަކަށްވެސް ފައިސާގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.