މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 8.7 އިންސައްތައިގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ފެބުރުވަރީ މަހު ކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ. އެއީ 11.8 މިލިޔަން ރުފިޔާއެވެ. ޖަނަވަރީގައި ލިބުނީ 6.05 މިލިޔަން ރުފިޔާއެވެ. މާރިޗު މަހު 27.4 މިލިޔަން ރުފިޔާ ލިބުނު އިރު އެޕްރީލްގައި ލިބުނީ 4 މިލިޔަން ރުފިޔާ އެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވަނީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ވުމުންނެވެ.
ނިޞާބުގެ ގޮތުގައި ރާއްޖޭގައި ކަނޑައްޅާފައި ވަނީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ކަމުގައި ކަނޑައަޅާފަ އެވެ.









