މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް-ޓައިމްގައި ބާއްވާ ހާއްސަ މިއުޒިކް ޝޯގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ، ޝަކީރާ އަދި ކޭ-ޕޮޕްގެ މަޝްހޫރު ބޭންޑް ބީޓީއެސް އިން ޕާފޯމްކުރާނެ ކަން ފީފާ އިން އިއުލާންކޮށްފި އެވެ.
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގެ ހާފް-ޓައިމް ޝޯއަކީ، އެމެރިކާގެ މަޝްހޫރު "ސުޕަ ބޯލް" ގެ ޝޯއާ އެއްގޮތަށް ވޯލްޑް ކަޕެއްގައި ބާއްވާ މިފަދަ ފުރަތަމަ ޝޯ އެވެ. މަޝްހޫރު ބޭންޑް "ކޯލްޕްލޭ" ގެ ކްރިސް މާޓިން ކިއުރޭޓްކުރާ މި ޝޯއާ ގުޅިގެން، މެޗުގެ މެދުކެނޑުން އާންމުކޮށް އޮންނަ 15 މިނެޓަށް ވުރެ ދިގުވެދާނެތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފައިނަލް މެޗެއްގެ މެދުކެނޑުމުގައި މިފަދަ ބޮޑު މިއުޒިކް ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ޝޯއަކީ ފީފާގެ "ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑު" އަށް 100 މިލިއަން ޑޮލަރު ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ރިޕޯޓުތަކުން ބެނެ އެވެ.
މި ޝޯގައި ބައިވެރިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ލަވަ ކަމަށްވާ "ދައި ދައި" ގެ ކުރު ވީޑިއޯއެއް މިހާރު އާންމުކޮށްފަ އެވެ. ނައިޖީރިއާގެ ފަންނާނު ބާނާ ބޯއީއާ އެކު ތައްޔާރުކޮށްފައިވާ މި ލަވަ މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ފައިނަލް މެޗު ކުޅޭ ހަފުތާ ބަންދާ ދިމާކޮށް ނިއު ޔޯކްގެ ޓައިމްސް ސްކޮޔާގައި ވެސް ފީފާގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އޭއެފްޕީން ބުނެ އެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މިއަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާ އެކު ބާއްވާ، މިހާތަނަށް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.










