މި މަހުގެ 24 ވާ އާދީއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައިވާ ގޮތުން، މި ދެ ދުވަސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަޤްޞަދުގައެވެ.
މި ބަދަލާއެކު، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ މި މަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ.
ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތީ އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށް ވާއިރު، ސަރުކާރުގެ މި ނިންމުމަކީ ގިނަ މުވައްޒަފުންނަށް ރަށްރަށަށް ދިއުމަށާއި ޢާއިލީ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.









