ސަރުކާރަށް ފާޑުކިޔައި ޒިންމާދާރު ކުރުވުމަކީ ޒާތީނުވެ، ދޮގު ނަހަދައި އަދި މީހުންގެ އަބުރާ ނުބެހިވެސް ކުރެވޭނެ ކަމެއް ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައި ނުވާކަމަށާއި، ނަމަވެސް އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މީހުންގެ އަބުރާ ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށްފައި ވަނިކޮށް، އެކަމާ ގުޅޭގޮތުން އެ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ސުވާލުކުރުމުން، އޭނާ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެ، ސެކިއުރިޓީންގެ އެހީތެރިކަމާ އެކު އޭނާ ވަނީ މާލަމުން ނެރެފައެވެ.
މީގެ އިތުރުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ބަންދުކުރަން އަމުރުކުރީ، އެ ޑޮކިއުމެންޓްރީއާ ގުޅިގެން ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ބުނާ މައްސަލައިގައެވެ. މި ދެ ނޫސްވެރިންގެ މައްސަލަ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
"މިއަދު ރާއްޖޭގައި މިއުޅެނީ މިނިވަންކަން ހަނިވެގެން ނުވަތަ ނިގުޅައިގަނެގެން ނޫން މައްސަލައަކީ އެއްވެސް އިމެއް ނެތި ލިބިދީފައިވާ މި ޙައްޤުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޛްފު ކުރަމުންދިއުން" ކަމަށް ހީނާ ވިދާޅުވިއެވެ.
ނޫސްވެރިންނަށް އޮތް މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރާ އެއްވެސް ނޫސްވެރިއަކު ފުލުހަށް ނުވަތަ ކޯޓަށް ނުގެންދާ ކަމަށާއި، އަދި ޖަލަށްވެސް ނުލާ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ ނޫސްވެރިއަކަށްވެސް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ރާއްޖޭގެ ދުސްތޫރީ ކޯޓަކުން "ގެގް އޯޑަރެއް" ނެރުއްވާފައި އޮތުމުން، އެ އަމުރާ ޚިލާފުވުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ސިޔާސީ ނަފާ ހޯދުމަށްޓަކައި މީހުންގެ އަބުރަށް އަރައިގަތުމާއި ދޮގު އިލްޒާމު އެޅުވުމަކީ ރޯވަމުންދާ އަލިފާންގަނޑެއް ފަދައިން މުޖުތަމަޢުގައި ފެތުރެމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުވެސް އެޅޭނެ ކަމަށެވެ. ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްކަން ހީނާ ހަނދާންކޮށްދެއްވިއެވެ.









