އެހެން މީހެއްގެ ބޭންކް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފި އެވެ.
މި މައްސަލައަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. ފުލުހުން ބުނި ގޮތުގައި މި މީހާއަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.


ފުލުހުން ވަނީ އެ މީހާގެ ވީޑިއޯއެއް އާންމުކޮށް، އޭނާއަކީ ކާކުކަން ދެނެގަތުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދިފަ އެވެ. މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ތަހުގީގީ އިދާރާތަކަށް ދަތިވެފަ އެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ މުއައްސަސާއިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.







