އަމިއްލަ ބޭންކް އެކައުންޓްތައް ކުއްޔަށް ދިނުމާއި، "މަނީ މިއުލް" ފަދަ ޖިނާއީ އަމަލުތަކަށް މަގުފަހިވާ ކަންކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިކަމަށް އިލްތިމާސްކުރީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް "ކުއްޔަށް" ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން އުޖޫރައެއް ނުވަތަ ދުވަހު މުސާރައެއް ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާތީއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިފަދަ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވާ، އަދި އޭގެ ސަބަބުން ގާނޫނީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަމެވެ. މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014) ގެ ދަށުން، ކޮންމެ ބޭންކް އެކައުންޓަކީ އެ އެކައުންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި ބޭންކުރަންޖެހޭ އެކައުންޓެކެވެ.
އެކައުންޓެއްގެ ހަގީގީ ވެރިފަރާތް އޮޅުވާލުމަކީ ބޮޑު ކުށެކެވެ. އެކައުންޓެއް މެދުވެރިކޮށް ހިންގާ ހުރިހާ މުއާމަލާތަކީ އެކައުންޓުގެ ވެރިފަރާތުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ހިންގާ މުއާމަލާތްތަކަކަށް ވާންޖެހެއެވެ. އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާއި ބޭންކިންގ އުސޫލުތަކާ ހިލާފު، ޖިނާއީ އަމަލެކެވެ. މިފަދަ ކަންކަމަށް ގާނޫނުގައި ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.
އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ "މަނީ މިއުލް" އެއްގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމުގައި ބައިވެރިވުމެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، މިފަދަ އެކައުންޓެއް މެދުވެރިކޮށް ގާނޫނާ ހިލާފު މުއާމަލާތެއް ހިންގައިފިނަމަ، އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއްކަމަށް ބުނެ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މިއީ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ.
ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނު (24/2010) އާއި ބޭންކްތަކުގެ އުސޫލުތަކުގެ ދަށުން، ޔޫޒަރނޭމް، ޕާސްވޯޑް، ޕިން ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުމަކީ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވުމުގެ އިތުރުން ކަސްޓަމަރުގެ ފަރާތުން ވާ އިހުމާލެކެވެ. މީގެ ސަބަބުން މާލީގޮތުން ލިބޭ އެއްވެސް ގެއްލުމަކަށް ބޭންކުން ޒިންމާއެއް ނުއުފުލާނެއެވެ. އަދި ޝައްކުކުރެވޭ މުއާމަލާތެއް ހިނގައިފިނަމަ އެކައުންޓް ފްރީޒްކުރުމުގެ އިތުރުން، މުސްތަގުބަލުގައި ރާއްޖޭގެ އެއްވެސް މާލީ އިދާރާއަކުން ހިދުމަތް ލިބުމަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ކުށްކުރާ ފަރާތްތަކުން އާންމު ރައްޔިތުންގެ އެކައުންޓްތައް ބޭނުންކުރަނީ މަކަރާއި ހީލަތުން ފޭރޭ ފައިސާ ދައުރުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމަށެވެ. އެހެންކަމުން، ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިޝްތިހާރުތަކަށް އިޖާބަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް އެކައުންޓްގެ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 (އެކްސްޓެންޝަން 2020) އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން އެދެއެވެ. މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ކަމާބެހޭ މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.









