މިއަހަރުގެ ބާއްވާ ފީފާ ވޯލްޑް ކަޕަކީ ތިން ފަހަރު ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ގައުމުގެ ޝަރަފު މެކްސިކޯއަށް ލިބޭ ތާރީހީ މުބާރާތަކަށް ވީނަމަވެސް، އެ ގައުމުގެ އާންމު ސަޕޯޓަރުންގެ މެދުގައި އެ އުފާވެރިކަމެއް ނެތެވެ. ސަބަބަކީ މެކްސިކޯގައި ކުޅޭ މެޗުތަކުގެ ޓިކެޓްތަކުގެ އަގު އާންމުންނަށް ގަނެވޭ ވަރަށްވުރެ މާ ބޮޑުވުމެވެ.
މެކްސިކޯގައި 1970 އަދި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްތަކުގައި ބައިވެރިވި އުމުރުން 70 އަހަރުގެ ފްރާންސިސްކޯ ހަވިއޭ ފެރެއިރާ ބުނި ގޮތުގައި، މިއަހަރުގެ މުބާރާތަކީ މެކްސިކޯގެ އިގްތިސާދީ ހާލަތަށް ބަލާއިރު ހަމައެކަނި މުއްސަނދިންނަށް އަމާޒުކޮށްފައިވާ މުބާރާތެކެވެ. މެކްސިކޯގައި ކުޅޭ 13 މެޗުގެ ތެރެއިން ޖޫން 11 ގައި އޮންނަ ފުރަތަމަ މެޗުގެ ޓިކެޓްގެ އަގު އުޅެނީ 3،000 އާއި 10،000 ޑޮލަރާ ދެމެދުގައެވެ. މަހަކު އެވްރެޖްކޮށް 1،000 ޑޮލަރު ލިބޭ ފެރެއިރާ ފަދަ އާންމު ރައްޔިތުންނަށް މިއީ އަތްފޯރާ ވަރެއް ނޫނެވެ.
މުޅި މުބާރާތުގެ 104 މެޗުގެ ތެރެއިން މެކްސިކޯގައި ކުޅެނީ އެންމެ 13 މެޗެވެ. އެއީ މޮންޓެރޭގައި 4 މެޗު، ގުއަޑަލަހާރާގައި 4 މެޗު އަދި މެކްސިކޯ ސިޓީގެ އަލުން މަރާމާތުކުރި ބަނޯޓޭ ސްޓޭޑިއަމްގައި 5 މެޗެވެ. މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރާ ފުރަތަމަ މެޗުވެސް އޮންނާނީ މި ސްޓޭޑިއަމްގައެވެ. ސަޕޯޓަރުންގެ ޝަކުވާއަކީ މިއީ "މެކްސިކޯގެ" މުބާރާތެއްގެ ބަދަލުގައި އެމެރިކާގެ މުބާރާތެއްގެ ގޮތުގައި އިހުސާސްވުމެވެ.
ފީފާއިން ބުނާ ގޮތުގައި އެ ފަރާތުން ވަނީ 60 ޑޮލަރަށް ލިބޭ ޓިކެޓްތަކެއްވެސް ކަނޑައަޅާފައެވެ. ނަމަވެސް އެ އަގުގައި ވިއްކީ ކިތައް ޓިކެޓްކަމެއް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، ފީފާގެ 'ރީސޭލް' މާކެޓުގައި ފައިނަލް މެޗުގެ ބައެއް ޓިކެޓްތަކުގެ އަގު މިހާރު ވަނީ 3 މިލިއަން ޑޮލަރަށް އަރާފައެވެ.
ޓިކެޓްގެ އަގުގެ އިތުރުން ސަލާމަތީ ކަންކަމާ މެދުވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ. ދާދި ފަހުން މެކްސިކޯގެ ބައެއް ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ގްރޫޕްތަކުން ހިންގި ހަމަނުޖެހުންތަކާއި، ބަނޯޓޭ ސްޓޭޑިއަމް ހުޅުވުމުގެ މެޗުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ސަޕޯޓަރަކު މަރުވުން ފަދަ ކަންކަމުގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެއެވެ.
އަދި ވޯލްޑް ކަޕާ ގުޅިގެން މެކްސިކޯ ސިޓީގެ ކުލިތައް އިންތިހާއަށް ބޮޑުވެ، ފެނުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ޒުވާނުން ދަނީ މުބާރާތާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މި މުބާރާތަކީ މިހާރު ހަމައެކަނި "ނުފޫޒުގަދަ މުއްސަނދިންގެ" މުބާރާތެކެވެ. މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝީންބައުމް ސަލާމަތީ ކަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑައެއް ނުވެއެވެ.










