ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރަށް އަރައިގަނެ، ދޮގު ތުހުމަތުތަކެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ "އާއިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ޖިނާއީ ތަހުގީގަށް "އަދަދު" ނޫހުގެ ނޫސްވެރިޔާ ހަސަން މުހައްމަދު މިއަދު ހާޒިރުކުރުމުން ފުލުހުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ހިޔާރުކޮށްފިއެވެ.
މިދިޔަ މާޗު މަހުގެ ފަހުކޮޅު އާންމުކުރި މި ވީޑިއޯ ރިޕޯޓުގައި ރައީސަށް ބަދުއަހުލާގީ ތުހުމަތުތަކެއް ކޮށްފައިވަނީ "ބުންޏޭ، ބުންޏޭ" ކިޔައިގެން އެއްވެސް ހެއްކެއް ނެތި އޭއައި (AI) ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މައުލޫމާތު ވެރިފައިކުރުމަށްޓަކައި ނޫސްވެރިކަމުގެ ތަހުގީގެެއްވެސް ހިންގާފައިނުވާނެކަން އެ ނޫހުގެ ނޫސްވެރިއަކު ވަނީ އިއުތިރާފުވެފައެވެ.
އެހެންވެ ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މި މައްސަލައިގައި ފުލުހުން ތުހުމަތު ކުރަނީ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ވީޑިއޯ ފެތުރުމުގައި ހަސަންގެ ބައިވެރިވުން އޮތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.
ގާނޫނީ ވަކީލަކާއެކު ފުލުހަށް ހާޒިރުވި ހަސަންގެ ވަކީލު ސައްޔާހު ވިދާޅުވީ، ނޫސްވެރިންނަށް މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ހަސަން ނިންމީ ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމަށެވެ.
ނަމަވެސް، ކަންކަން ހާމަކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ނޫހަކުން މިފަދަ މައްސަލައެއްގައި މައުލޫމާތު ދޭން ދެކޮޅު ހެދުމުން، އެ ޑޮކިއުމެންޓްރީއަކީ ހަގީގަތާ ހިލާފު އެއްޗެއްކަން އިތުރަށް ކަށަވަރުވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ހަސަން މުހައްމަދު ބުނަމުންދަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށާއި، މިފަދަ މައްސަލަތައް ބަލަންޖެހޭނީ ނޫސްވެރިކަން ރެގިއުލޭޓްކުރާ މުއައްސަސާތަކުން ކަމަށެވެ.
މި ތަހުގީގުގެ ބޭނުމަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީހުން ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އެ ނޫހުގެ އިސްވެރިންނާއި ބައެއް މުވައްޒަފުންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު ފުލުހަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.









