ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ "އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އައިޝަތު އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި އީޝާ އަޝްރަފް ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވަނީ ރައްދުކޮށްދީފައެވެ. ކޯޓު އަމުރުގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދުން ފެށިގެން ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މައްސަލައިގައި އީޝާގެ އިތުރުން 'އަދަދު' ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު މިއަދު ހިފަހައްޓާފައިވާއިރު، ރޭގެ ވަގުތެއްގައި ވަނީ އެ ނޫހުގެ ސީއީއޯ ފިޔާޒް މޫސާގެ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. މިއީ ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުގެ ތެރެއިން ކުރިއަށްދާ ކަންކަމެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން ބައެއް އިލެކްޓްރޯނިކް ސާމާނު އެވިޑެންސްގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ ސުވާލު ކުރެއްވުމުން އެ މަނިކުފާނު ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. މީގެ އިތުރުން، އެ އުފެއްދުން ތައްޔާރުކުރުމުގައި ބައިވެރިވި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.









