އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި އެ ތަކެތި ނައްތާލާފައިވަނީ މި ހަފުތާގެ ހޯމަ ދުވަހު ދޫނިދޫގައެވެ. އަދި އެ ތަކެތި ނައްތާލާފައިވަނީ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ނައްތާލި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހުރި 4،690 ރަބަރު ޕެކެޓާއި، 2،768 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 335 ދަޅުގެ އިތުރުން 462 ބުލެޓާއި 3،437 މަނާ ބޭސްގުޅަ ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 1،809 އައިޓަމެއް ވެސް ވަނީ ނައްތާލާފައެވެ.
ފުލުހުން ބުނީ މި ހަރަކާތަކީ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ތަކެތި ނައްތާލުމުގެ މަސައްކަތުގައި ނޫސްވެރިންނާއި، އެ ހަރަކާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ނަން ނޯޓުކުރި އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރު ބެހެއްޓުމަށްފަހު، ބާކީ ހުންނަ މަސްތުވާތަކެތި މިހާރު ވީ އެންމެ އަވަހަކަށް ނައްތާލަމުން ގެންދެއެވެ.










