މާލެ އާއި ހުޅުމާލޭގައި ހިންގާފައިވާ އެކި ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ފައިސާ އާއި ތަކެތި އަނބުރާ ހޯދައިފި އެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 15 އޭޕްރީލް އިން 21 ގެ ނިޔަލަށް ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 619,048 (ހަ ލައްކަ ނަވާރަހާސް ސާޅީސް އަށެއް) ރުފިޔާ ވަނީ ހޯދާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާގެ އިތުރުން، ވައްކަންކޮށްފައިވާ ތަކެތީގެ އަންދާޒާ ކުރެވޭ އަގުކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި މުއްދަތުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން 335,338 ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި ގަލޮޅު، ހެންވޭރު އަދި މާފަންނު ޕޮލިސް ޓީމުތަކުން ކުރި މަސައްކަތް ހިމެނެ އެވެ. އަދި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ޕޮލިސް ޓީމުތަކުން ވަނީ 283,710 ރުފިޔާ ހޯދާފަ އެވެ.
ފުލުހުންގެ އެކި މަރުކަޒުތަކުން ހޯދި ފައިސާގެ ތަފްސީލު:
- ގަލޮޅު ޕޮލިސް: 173,800 ރުފިޔާ
- ހުޅުމާލެ ފޭސް 1 ޕޮލިސް: 181,910 ރުފިޔާ
- ހުޅުމާލެ ފޭސް 2 ޕޮލިސް: 101,800 ރުފިޔާ
- ހެންވޭރު ޕޮލިސް: 95,894 ރުފިޔާ
- މާފަންނު ޕޮލިސް: 64,644 ރުފިޔާ
ފުލުހުން ބުނީ، މިއީ އާންމުންގެ މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިފަދަ މައްސަލަތައް މަދުކުރުމަށް ފުލުހުންގެ ޓީމުތަކުން ރޭދުވާލު ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވި އެވެ.









