މެޗުގެ ފަހު ވަގުތު ނިކޯ ގޮންޒާލޭޒް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކު، ވަރުގަދަ މެންޗެސްޓާ ސިޓީން ސައުތެމްޕްޓަންގެ މައްޗަށް 2-1 އިން ކުރިހޯދައި ޖެހިޖެހިގެން ހަތަރުވަނަ އަހަރު އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅެމުން އަންނަ ސައުތެމްޕްޓަނާ ދެކޮޅަށް ކުޅުނު މި ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފަކީ ދެޓީމުގެ ފަރާތުންވެސް ވަރަށް ފޫހި ކުޅުމެއް ފެނިގެންދިޔަ ހާފެކެވެ. ކުޅުން ފޫހިކަމުން ދަނޑުގައި ތިބި ސިޓީގެ ދެ ސަޕޯޓަރަކަށް ނިދިފައި ތިއްބާ ޓީވީ ކެމެރާތަކަށްވެސް ވަނީ އަރާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ސިޓީން ކުޅުން ވަރުގަދަކޮށް، ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.
ސިޓީގެ އޮމަރު މާމޫޝް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަވީނިއޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. މެޗުގެ ނަތީޖާ ފުރަތަމަ ބަދަލުކޮށްލީ ހީނުކުރާ ފަދަ ގޮތަކަށް ސައުތެމްޕްޓަނުންނެވެ. މެޗުގެ 79 ވަނަ މިނެޓުގައި އަޔަލޭންޑްގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ފިން އަޒާޒް ވަނީ ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ސައުތެމްޕްޓަނަށް ކުރިހޯދައިދީފައެވެ.
އެހެންނަމަވެސް ސައުތެމްޕްޓަންގެ މި އުފާވެރިކަން ދެމިއޮތީ އެންމެ ތިން މިނެޓަށެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިޓީގެ ޖެރެމީ ޑޯކޫ ފޮނުވާލި ބޯޅައެއް، ސައުތެމްޕްޓަންގެ ޑިފެންޑަރު ޖޭމްސް ބްރީގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޯލުގެ ތިރީ ކަނަށް ވަދެ، ސިޓީއަށް ނަތީޖާ ހަމަހަމަވެގެން ދިޔައެވެ.
މެޗުގެ ފަހުކޮޅު ސައުތެމްޕްޓަންގެ ކުރިޔޫ މަޓްސޫކީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސިޓީގެ ކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ސިޓީ މޮޅުވީ އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ނިކޯ ގޮންޒާލޭޒް ފޮނުވާލި ހިތްގައިމު ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަދެގެންނެވެ. މި ލަނޑާއެކު ސިޓީން ވަނީ ބޮޑު ސިހުމަކުން ސަލާމަތްވެ، މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ފައިނަލުގައި ސިޓީ ވާދަކުރަންޖެހޭ ޓީމެއް އިނގޭނީ މާދަމާ ރޭ 19:00 ގައި ޗެލްސީ އާއި ލީޑްސް ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ.










