މި އަހަރުގެ މާޗު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައްވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗު މަހު ރިޕޯޓުކުރި 92 މައްސަލައިގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 24 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 8 ފިރިހެން ކުދިންނާއި 16 އަންހެން ކުދިންނެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ އަދި ޖިންސީ ހާނިއްކައިގެ 13 މައްސަލަ ހިމެނެއެވެ. ޖުމްލަކޮށް މި ބާވަތުގެ މައްސަލަތަކުގައި ރިޕޯޓުކޮށްފައިވަނީ 60 އަންހެން ކުދިންނާއި 32 ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ.
ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކުގެ ގޮތުގައި 17 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލަތަކެވެ. އަދި ކުޑަކުދިންގެ ޚައްޤުތަކާ ގުޅުންހުރި ގޮތުން، ކުދިން ސްކޫލަށް ނުފޮނުވުމުގެ އެއް މައްސަލަ މާޗު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
ޢާއިލީ މައްސަލަތަކުގެ ގޮތުގައި ޖުމްލަ 33 މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅުނެވެ. މީގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 14 މައްސަލައަކާއި، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 14 މައްސަލައެއް ހިމެނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 15 އަންހެން ކުދިންނާއި 18 ފިރިހެން ކުދިންނެވެ.
މާޗު މަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލައެވެ. މި ބާވަތުގެ މައްސަލަތަކުގައި ހިމެނެނީ 40 އަންހެނުންނާއި 10 ފިރިހެނުންނެވެ.
އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 16 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ގިނައީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމުގެ މައްސަލަތަކެވެ. އަދި އިޖުތިމާޢީ އެހީތެރިކަމުގެ 3 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
މާޗު 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 156 ކުދިން ތިއްބެވެ. އެއީ 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ. އަދި މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއް ކުއްޖަކު ވަނީ ފޮސްޓަރިން ޢާއިލާއަކާ ހަވާލުކޮށްފައެވެ.
މިދިޔަ މަހު މިނިސްޓްރީގެ ހެލްޕްލައިންތަކަށް ޖުމްލަ 2,046 ކޯލު ލިބިފައިވެއެވެ. މީގެ ތެރެއިން ޗައިލް ހެލްޕްލައިން (1412) އަށް 1,646 ކޯލު ލިބުނުއިރު، ސޯޝަލް ސަރވިސް ހެލްޕްލައިން (1421) އަށް 400 ކޯލު ލިބިފައިވެއެވެ. މީގެ އިތުރުން، 83 ފަރާތަކަށް ކައުންސިލިން ސެޝަންތައް ވަނީ ފޯރުކޮށްދީފައެވެ.









