ތުރްކިޔޭގެ ސްކޫލަކަށް ހަތިޔާރާއި އެކު ވަދެ ބަޑިޖަހައި ބަޔަކު މަރާލައި ޒަޚަމް ކޮށްލައިފިއެވެ. މީގެ އިރުކޮޅެއް ކުރިން ހިނގި މި ހާދިސާގައި މަރުވީ ކިތައް މީހުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
މި ހާދިސާ ހިނގީ ތުރްކިޔޭގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކަހްރަމަންމަރަޝްގެ ސްކޫލެއްގައެވެ.
އިއްޔެ ނޫން ކުރީ ދުވަހު ވެސް ތުރްކިޔޭގެ ސްކޫލަކަށް 19 އަހަރުގެ މީހަކު ބަޑި ހިފައިގެން ވަދެ 16 މީހަކަށް ޙަމަލާ ދީފައި ވެއެވެ. އޭގެތެރޭގައި 10 ދަރިވަރުންނާއި 4 ޓީޗަރުންނާއި ފުލުހަކާއި އަދި ސްކޫލް ކެންޓީން ސްޓަފް ހިމެނެއެވެ. އިއްޔެ ބަޑިޖެހި މީހާ ވަނީ ސީނަށް ފުލުހުން އައުމާއި އެކު ފުލުހަކަށް ބަޑިން ޙަމަލާ ދިނުމަށް ފަހު އަމިއްލައަށް މަރުވެފައި ކަމަށް ތުރްކިޔޭގެ މީޑިއާ އިން ބުނެއެވެ.
މިއަދުގެ ހާދިސާގައި ޙަމަލާ ދިނީ ކިތައް މީހުން ކަމާއި އަނިޔާ ލިބުނު މީހުންގެ ޢަދަދެއް އަދި ސާފެއް ނުވެއެވެ.










