ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިއަދު ގެންނެވި ބޮޑެތި ބަދަލުތަކަކާއެކު، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމަށް އަލްފާޟިލް އަލީ ޝަރީފް އައްޔަނުކުރައްވައި، އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އައްޔަނުކުރައްވައިފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަނީ މަގާމުގެ ހުވައި ކުރައްވާފަ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީއަށް ވަޒީރަކު މި އައްޔަނުކުރެއްވީ، ކުރިން އެ މިނިސްޓްރީ ޓޫރިޒަމް މިނިސްޓްރީއާ އެއްކޮށްލައިގެން ހިންގުމަށްފަހު، އަލުން ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖެއްސެވުމަށްފަހު އެވެ. މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ނަން ވަނީ "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް" އަށް ބަދަލުކުރައްވައި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ މަގާމުގެ ހުވާ އަލުން ކުރައްވާފަ އެވެ.
ސަރުކާރުގެ ކެބިނެޓަށް މިފަދަ ބޮޑު ބަދަލެއް ކުއްލި ގޮތަކަށް މި އައީ، ސަރުކާރުގެ 10 މިނިސްޓަރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ރައީސް ޑރ. މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ބޭނުމުގަ އެވެ.
މި އިސްލާހީ ބަދަލުތަކާއެކު، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 މިނިސްޓްރީއަށް މަދުކުރެވިފަ އެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.









